މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ މަސްވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މިވަގުތަށް ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
އެއީ ކޮން މަޝްރޫއުތަކެއްކަން ތަފްސީލުކޮށް ހާމަކުރައްވާފައި ނުވި ނަމަވެސް މިދިޔަ ސަރުކާރުގައި އައިސް ޕްލާންޓްތައް ބެހެއްޓުމާއި ސްޓޯރޭޖް ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ކޮށްފައިވެ އެވެ.
އެގޮތުން ކ. ގާފަރުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ހުޅުއްވައި ފ. ފީއަލީގައި ވެސް އައިސް ޕްލާންޓެއް ހުޅުއްވައި ކޫއްޑުއަށް ވެސް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއްގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެރިކަމުގައި ހުންނަވާ ރައީސް ސޯލިހު ފާހަގަކުރައްވާފައިވެ އެވެ.
އޭގެ ތެރޭގައި ކޫއްޑޫގެ ކެޕޭސިޓީ 4000 މެޓްރިކް ޓަނަށް، ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމާއި ކޫއްޑޫގެ ހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތާއި 1250 މެޓްރިކް ޓަން ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް 2022 ވަނަ އަހަރު ސޯލިހު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މަސްކިރުމުގެ ދަތިކަމަށް ވަގުތީ ހައްލުތަކެއް ހޯދުމަށް މަސް ގަންނަ ތިން ބޯޓު ގަނެ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް 2022 ވަނަ އަހަރު ރައީސް ސޯލިހު ވިދާޅުވެފަ އެވެ.
އޭގެ ފަހުން ވެރިކަން ބަދަލުވެ ފިޝަރީޒް މިނިސްޓަރުކަމާ އަހުމަދު ޝިޔާމް ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް މިދިޔަ ސަރުކާރުން ފެށި 90 ޕަސަންޓު މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ. އަދި މަސްވެރިންނަށް އެންމެ އުނދަގޫ ވާ ތިން ކަމެއްގެ ގޮތުގައި އޮތީ ބާނާ މަހަށް ފައިސާ ލިބުން ލަސްވުމާއި އައިސް ލިބުނުގެ ތާށިކަމާއި ސްޓޯރޭޖު ނެތުމުން މަސް ކިރުވުމަށް ކިއޫގައި ގިނަ އިރު ހޭދަކުރަން ޖެހުން ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.
