ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކުގައި 2010 ވަނަ އަހަރު ތަންފީޒުކުރަން ފެށި ޔުނައިޓެޑް ނޭޝަންސްގެ މުއާހަދާއާއެކު ރާއްޖޭގައި އެކުލަވާލި ގާނޫނު މުރާޖައާ ކުރަން ނިންމާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ވުޒަރާގެ ސޯޝަލް ސާވިސް ކޯޑިނޭޓާ ފާތުމަތު އަޒްނާ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އަޒްނާ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ޕާސަން ވިތު ޑިސްއެބިލިޓީސްގެ ދަށުން ރާއްޖޭގައި ހަދާފައިވާ ގާނޫނު ކަމަށްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ މުއާހަދާގެ ދަށުން އެކުލަވާލާފައިވާ ގާނޫނު ބަލައި ދިރާސާކޮށް އަދި މުރާޖައާ ކުރުމަށް އިޖުތިމާއި އަދި އާއިލީ ވުޒާރާގެ ފަރާތުން "ލޯ ފާމް"އަކާއި ހަވާލުކޮށްގެން ގާނޫނު މުރާޖައާ ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ ޔޫއެންސީޕީއާރު މުއާހަދާގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށާއި ރާއްޖޭގެ އެހެން އިދާރާތަކުންނާއި އޮފީސްތަކުން ވެސް މި މުއާހަދާއަށް ފެތޭ ގޮތަށް ކަންކަން ކުރޭތޯ ބެލުމަށް ކަމަށް އަޒްނާ ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ހާއްސަ އެހީ އަށް ބެނުންވާ މީހުން ރަމްޒުކުރާ ޖަމިއްޔާ ޖަމާއަތްތަކާއި އެކުގައި ބައިވަރު ސްޓޭކްހޯލްޑާ ބައްދަލުވުންތައް ބޭއްވިގެން ކުރިއަށްދާކަމަށް އަޒްނާ ފާހަގަކުރެއްވި އެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަށް ކުރަމުން ގެންދާކަމަން ފާގަކުރައްވާ އަޒްނާ ވިދާޅުވީ 2024 ވަނަ އަހަރު ޑިސްއެބިލިޓީ އެމްޕްލޯއިމެންޓް ގަވާއިދެއް އުފައްދައި އެ ގަވާއިދުގެ ދަށުން ތައްޔާރުކުރަންޖެހޭ އިތުރު ސްޓޭންޑާޑްތައް ތައްޔާރުކޮށް ގެޒެޓް ކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރުން މި ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނުވަތަ ޑިސްއެބިލިޓީ ލިއޭސަން އޮފިސަރުންގެ ގޮތުގައި ހުރިހާ ވުޒާރާތަކާއި، ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ މުއައްސަސާތަކާއި އިދާރާތަކުގަ ދެ ބެޗަކަށް ބެހިގެން ލިއޭސަން އޮފިސަރުން ތައްޔާރު ކުރެވިފައިވާނެ ކަމަށް އަޒްނާ ފާހަގަކުރެއްވިއެވެ.

އަޒްނާ ވިދާޅުވީ މި އޮފިސަރުންގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލުގައި ދިމަވާ ދަތިތަކަށް ހައްލުހޯދައި ދިނުން ކަމަށެވެ.

" މި ލިއޭސަން އޮފިސަރުންގެ ބޭނުމަކީ އަސްލު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާ އަދާކުރާ މާހައުލުގައި އުޅޭ އިރުގަ މި ދިމަވާ ދަތިތަކާއި ގޮންޖެހުން ތަކަށް ފަހި މަގެއް ތަނަވަސް ކޮށްދިނުން"

ފާތުމަތް އަޒްނާ/ ސޯޝަލް ސާވިސް ކޯޑިނޭޓާ

މީގެއިތުރުން ވޯކް ޕްލޭސް ސެންސަޓައިޒޭޝަންގެ ނަމުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާކަމަށާއި ޖޮބް ރެޑިނެސް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގުރާމްތައް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާކަމަށް އަޒްނާ ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބައިނަލްއަގުވާމީ ގޮތުން ތަންފީޒުކުރަމުންދާ މުއަހަދާ، ޔޫއެންސީޕީއާރު ރާއްޖޭގައު ތަންފީޒު ކުރަން ފެށީ 2010 ވަނަ އަހަރު އެވެ. އެއާ ގުޅިގެން 2010 ވަނަ އަހަރު ދިވެހި ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަށް ރައްކާތެރިކޮށް މާލީ އެހީތެރިކަން ދިނުމުގެ ގާނޫނެއްވެސް އުފައްދާފައިވާކަން ފާހަގަކުރެވެ އެވެ.