މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްފައިވިއެވެ.
އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރާކަމަށެވެ. މި އުފާވެރި ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ މަސްވެރިންނާއި ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ފަސްޓްލޭޑި ވަނީ އަރިސްކުރައްވާފައެވެ.
ފަސްޓްލޭޑީގެ އިތުރުން މަސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ފޮނުއްވުމުގެ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ މަސްވެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މިއަހަރުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.