މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ މަސްވެރިންގެ ފޯރަމް މިއަދު ރ.ދުވާފަރުގައި ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ފޯރަމްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި އެ ވުޒާރާގެ އިސްބޭފުޅުންގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން ބައިވެރިވިކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި މަސްވެރިންނަށް، މި ސިނާއަތާ ގުޅުންހުރި ތަފާތު މައުލޫމާތުތައް ފޯރުކޮށްދިން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މި ފޯރަމްގައި ޖުމްލަ 9 އަތޮޅަކުން 47 މަސްވެރިންނާއި ހަތަރު މަސް ޕްރޮސެސްކުރާ ކުންފުން ބައިވެރިވާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންނާއި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ހޯދުމަށް މަޝްވަރާކުރާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވަރަށް ގިނަ ހަރަކާތްތަކެެއް ކުރިޔަށް ގެންދާން ނިންމާފައިވާކަމަށް ވަޒީރު އަހުމަދު ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަށް ހައްލުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.