އެފްޑީސީ ފްލެޓުތަކުގެ ފެން ބިލުތަކުގައި މިހާރު ފެންނަން ހުރި އަދަދަކީ އެ ފްލްޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބޭނުން ކޮށްފައިވާ ފެނަށް އަރާފައިވާ ބިލުތަކެއް ކަމަށް ފެނުގެ ހިދުމަތް ދޭ ކުންފުނި އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެފްޑީސީގެ އާ ޓަވަރުތަކުގެ ފެން ބިލުތަކާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ އެއީ އޮޅުމެއްގެ ތެރެއިން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ.

އެފްޑީސީގެ 14 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ބިލަށް ވަރަށް ބޮޑެތި އަދަދުތަކެއް އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ބައެއް އެޕާޓްމަންޓްތަކުގެ ބިލަށް 7،000 ރުފިޔާ އަރާފައިވާ ކަމަށް ދައްކަ އެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން ބުނީ ޓަވަރުތައް ހަވާލުކުރުމުގެ ކުރިން އެފްޑީސީއިން ބޭނުންކޮށްފައިވާ ފެނަށް ހަދާފައިވާ ބިލްތަކެއް ކަމަށެވެ. މިއީ އެމްޑަބްލިޔުއެސްސީ އެޕްލިކޭޝަނުގައި މީޓަރު ބޭނުންކޮށްގެން ވެސް ބަލައިލެވޭނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންގެ ފެން ބިލުތައް ލިބެން ފަށާނީ ޓަވަރުތައް ހަވާލުކުރި ވަގުތުން ފެށިގެން ނަގާފައިވާ ރީޑިންގްތަކަށް ބަލައިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން އެފްޑީސީއިން ބުނީ މިކަމުގެ އަސްލު ދެނެގަނެ ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހެޅުމަށް އޮތް ނަމަ އެފްޑީސީގެ ހޮޓްލައިން ނަމްބަރު 3345500 އަށް ގުޅައިގެން ނުވަތަ[email protected]މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެދިފައިވެ އެވެ.