ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން، 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓަކަށް ބޯޑް އޮފް އިންވެސްޓްމެންޓް (ބީއޯއައި) އިން ހުއްދަ ދީފިއެވެ.

މި ހުއްދަ ދީފައި ވަނީ ނ. އަތޮޅުގައި ޓައުންޝިޕެއް ތަރައްގީ ކުރުމަށްޓަކައި ކްރިސްޓަލް ހޯލްޑިިން ކިޔާ ކުންފުންޏަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ހުއްދަ ދޫކުރީ އެ ކުންފުނިން ހުށަހެޅި ރަސްމީ އެޕްލިކޭޝަނާއި ގުޅިގެން، މި އަހަރު ބޭއްވި ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައެވެ. މި މަޝްރޫއަކީ ރިސޯޓް ޓޫރިޒަމަށް އެކަނި ބަރޯސާވެފައިވާ މިހާރުގެ މޮޑެލްތަކުން ބޭރުވެ، އެކި ދާއިރާތަކުން ކުރިއަރާފައިވާ، އަންނަން އޮތް ޖީލަށް އެކަށޭނަ ތަރައްގީއެއް ހުޅުވައިދޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ޓައުންޝިޕް ޕްރޮޖެކްޓް ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން "ރައްޔިތުންނާއެކު ކުރިޔަށް - ހަފްތާ 104" ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެސްއީޒެޑް ގާނޫނުގެ ތެރެއަށް އިތުރު 19 ދާއިރާއިން ފުރުސަތުދީފައިވާ ކަމަށާއި، މިހާރުވެސް ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ފަށައިގެން އުޅޭ ކަމަށެވެ. އަދި މާލެ އަތޮޅުގައިވެސް ބައެއް ފަރާތްތަކުން ޕްރޮޖެކްޓުތައް ފަށައިގެން ކުރިޔަށްދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެސްއީޒެޑްގެ ތެރޭގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ތަރައްގީކުރެވޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް، ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ނޮވެމްބަރު ފަސް ވަނަ ދުވަހުއެވެ. އެ ގާނޫނު ރައީސް ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ހާއްސަ އިގްތިސާދީ ޒޯންތައް ''ސަސްޓެއިނަބަލް ޓައުންޝިޕް'' ގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިކޮށް، އެފަދަ ޒޯންތަކާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.

މިފަދަ ޒޯނެއްގައި ކުރެވޭ އިންވެސްޓްމަންޓްގެ އަދަދު 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނުވުން ލާޒިމުކުރެއެވެ. މި ޓައުންޝިޕްގައި ލަގްޒަރީ ހޮސްޕިޓަލިޓީއެއް ފޯރުކޮށްދެވޭ ގޮތަށާއި ދިރިއުޅުމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން، އިގްތިސާދަށް މުހިންމު ދާއިރާތައް ވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައި މަންޒިލެއްގެ ގޮތުގައި ބަލައިގަންނާނެ ފަދަ ސްޓޭޓް އޮފް އާޓް ހެލްތް ކެއާ ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލަކާއި، ނޭޝަނަލް ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށްޓަކައި އެޑްވާންސްޑް އެގްރިކަލްޗާ އަދި އެކްއަކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ހިމެނެއެވެ.

މި ތަރައްގީ ކުރެވިގެން ދާނީ %60 އިޔާދަކުރަނިވި ހަކަތައާއި އެކުގައެވެ. މި މަޝްރޫއު 2028 ވަނަ އަހަރަށް ނިންމައި، އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.