ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ،ގައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
މަސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ފޮނުއްވުމުގެ ގޮތުން ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މީހުންނަށާއި އާއިލާތަކަށް ފޮނުއްވާ ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަހްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުއާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައިކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަންކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ މަސްވެރިންގެ މަސައްކަތް އަގުވަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ "މަސްވެރިންގެ" ދުވަހެވެ. މިއަހަރުވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.