ޕަބްލިކް ހެލްތު ކޮންފަރެންސް ނިންމާލައިފި އެވެ.

ބިދޭސީންގެ ސިއްހަތާއި ގުޅުން ހުރި މަޝްވަރާތަކަށް ފަހު ހެލްތު ކޮންފަރެންސް ނިންމާލައިފި
ބިދޭސީންގެ ސިއްހަތާއި ގުޅުން ހުރި މަޝްވަރާތަކަށް ފަހު ހެލްތު ކޮންފަރެންސް ނިންމާލައިފި

މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަށް ވިލާ ނޯޓިކާ ގައެވެ. މި ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން 100އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޕަބްލިކް ހެލްތު ކޮންފަރެންސް 2025 ކުރިއަށް ގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ. މި ކޮންފަރެންސް ބޭއްވެނީ އިންޓަރނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން (އައިއޯއެމް) އަދި ސާކް ޑިވެލޮޕްމަންޓް ފަންޑު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގަ އެވެ.

ޕަބްލިކް ހެލްތު ކޮންފަރެންސަކީ އާންމު ސިއްހަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް މަޝްވަރާތަކާއި ކަމާބެހޭ ކަރުދާސްތަކާ ދިރާސާތައް ހުށަހަޅާ، އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވެ އާންމު ސިއްހަތުގެ ކަންކަމަށް ހައްލު ހޯދުމަށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ފޯރަމްއެކެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ އިކުއިޓެބަލް އެކްސެސް، ރެޑިޔުސިން ވަލްނެރަބިލިޓީޒް: އެޑްވާންސިން މައިގްރަންޓް ހެލްތު އިން ދަ މޯލްޑިވްސް އެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 4 މީހަކުން އެކަކަކީ ބިދޭސީން ކަމަށް ވާއިރު އަދި ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ 43 އިންސައްތައަކީ ބިދޭސީންނަށް ވާތީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ވަރަށް މުހިންމުކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.

ޕަބްލިކް ހެލްތު ކޮންފަރެންސްގެ ތެރެއިން

އެޗްޕީއޭއިން ބުނާ ގޮތުގައި ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. ރާއްޖޭގައި ކޮންޓްރޯލްވެފައި ނުވަތަ ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް، އެންމެ ގިނަ ބިދޭސީން ރާއްޖެއަށް އަންނަ ގައުމުތަކުގައި އަދިވެސް ފެތުރެމުންދާކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މީގެ އިތުރުން، ބިދޭސީން ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މާހައުލުގެ ހާލަތާއި، ވިސާނެތި އުޅުމާއި، މަސައްކަތްތެރިންގެ މާލީ ހާލަތު އަދި މުޖުތަމައުގައި އެމީހުން ތަހައްމަލުކުރަންޖެހޭ ތަފާތުކުރުން ފަދަ ކަންކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އަދި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބުމަށް އެޅޭ ހުރަސްތައް ގޮތުގައި އެޗްޕީއޭއިން ދެކެ އެވެ.

މި ހުރަސްތަކުން އަރައިގަނެ ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ވިލަރެސް ކުރުމަށްޓަކައި 'މައިގްރަންޓް ހެލްތު ޕޮލިސީ" ނުވަތަ ބިދޭސީންގެ ސިއްހަތުގެ ސިޔާސަތު ސަރުކާރުން މިއަހަރު ތަންފީޒުކުރަން ފަށައިފައިވެ އެވެ. މި ޕޮލިސީގައި ހިމެނޭ 5 ދާއިރާގެ ތެރެއިން 3 ދާއިރާގައި ހުރި ކަންކަމާމެދު މަޝްވަރާކޮށް، ޕޮލިސީ ތަންފީޒު ކުރުމަށް ހަރުދަނާ ހުށަހެޅުންތަކެއް މި ކޮންފަރެންސްގެ ތެރެއިން ލިބިގެންގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.