2025 ވަނަ އަހަރު އެންމެ ގިނައިން ނޫސްވެރިން ގަތުލުކުރި ގައުމަކީ އިސްރާއީލުކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތުއައުޓް ބޯޑާޒް (އާރްއެސްއެފް)އިން ބުނެފި އެވެ.

2025 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން ގަތުލުކުރީ އިސްރާއީލުން، ދެވަނައަށް މެކްސިކޯ: އާރްއެސްއެފް
2025 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން ގަތުލުކުރީ އިސްރާއީލުން، ދެވަނައަށް މެކްސިކޯ: އާރްއެސްއެފް

އެ ޖަމިއްޔާއިން އާންމު ކުރި މި އަހަރުގެ އަހަރީ ބަޔާނުގައި ވާ ގޮތުން އެންމެ ގިނައިން ނޫސްވެރިން ގަތުލުކުރި ގައުމެއްގެ ގޮތުގައި އިސްރާއީލު ފާހަގަކުރެވުނު މިއީ ޖެހިޖެހިގެން ތިން ވަނަ އަހަރެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޖުމްލަ 67 ނޫސްވެރިން މި އަހަރު ތެރޭ ޝަހީދުވެފައިވާއިރު މީގެ ތެރެއިން 29 ނޫސްވެރިންނަކީ ފަލަސްތީނުގެ ނޫސްވެރިންނެވެ.

އާރްއެސްއެފްގެ ޑިރެކްޓަރ ޖެނެރަލް ތިބައުޓް ބްރުޓިން ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ނޫސްވެރިން އެއް އަހަރެއް ތެރޭ ދުނިޔެ ދޫކޮށް ދިޔުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. މިއީ ނޫސްވެރިން ކުރަމުންދާ މަސައްކަތަށް ދީފައިވާ ހަމަލާތަކެއް ކަމަށާއި ނޫސްވެރިން ގަތުލުކުރަމުން ދަނީ އެމީހުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވި އެވެ.

އިސްރާއީލުން ގަތުލުކޮށްލާފައިވާ ބައެއް ނޫސްވެރިން

ބްރުޓިން ވަނީ ބައިނަލްއަގްވާމީ އިދާރާތަކުން ނޫސްވެރިންނާއި އެމީހުންގެ މަސައްކަތް ހިމާޔަތްކޮށްދިނުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެ ނުރުހުން ފާޅުކުރައްވާފަ އެވެ.

2025 ވަނަ އަހަރު ތެރޭ ދެވަނައަށް އެންމެ ގިނަ ނޫސްވެރިން ގަތުލުކޮށްފައިވަނީ މެކްސިކޯގަ އެވެ. އެގައުމުގައި 9 ނޫސްވެރިން މަރާލާފައިވެ އެވެ. ސޫދާނުގައި މި އަހަރުގެ މިހާތަނަށް ހަތަރު ނޫސްވެރިން ގަތުލުކޮށްފައިވާއިރު ޔޫކްރެއިންގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ތިން ނޫސްވެރިން މަރުވެފައިވެ އެވެ.

އެންމެ ގިނައިން ނޫސްވެރިން ހައްޔަރުކޮށްފައިވާ ގައުމުތައް ވެސް އާރްއެސްއެފް ގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެންމެ ގިނައިން ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ޗައިނާގަ އެވެ. އެ ގައުމުގައި 121 ނޫސްވެރިން ޖަލުތަކުގައި ބަންދުކުރި އެވެ. ރަޝިޔާގައި 48 ނޫސްވެރިން ބަންދުކުރިއިރު މިޔަންމާގައި 47 ނޫސްވެރިން ބަންދުކޮށްފައިވެ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 47 ގައުމެއްގައި 503 ނޫސްވެރިން ތިބީ ބަންދުކޮށްފަ އެވެ.