މާލޭ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިންގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:05 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. އަދި މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެގެން ހިންގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ، އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.