ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފި އެވެ.

އަބްދުއްރައްޒާގް މިވަގުތުވެސް ހުންނެވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަގާމުގަ އެވެ.

އަބްދުއްރައްޒާގް ހަލީމް މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށެވެ. އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

އަބްދުއްރައްޒާގު ހަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.

ސްޓޭޓް ފާމަސޫޓިކަލް ކުންފުންޏަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.