ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ހިރާސް ކުޑަކުރުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަގްވާމީ އަސާސްތަކާއި މިންގަނޑުތައް ހިމެނޭ އިރުޝާދުނާމާއެއް އާންމުކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި މި އިރުޝާދުނާމާގެ މަގްސަދުތަކުގެ ތެރޭގައި، މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ހާއްސަ ހާލަތްތަކާއި ހިރާސް ބޮޑު ފަރާތްތައް ދެނެގަނެ އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުން ހިމެނެ އެވެ. އަދި އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިއާޔަތްކޮށް، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކޮށް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަގާފަތެއް އިދާރާތަކުގައި ގާއިމުކުރުމަށް ބާރުއަޅައި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަކީ ވެސް މި އިރުޝާދުނާމާގެ މަގްސަދެކެވެ.
މި ގައިޑްލައިންގައި ހިމަނާފައިވާ ލަފަޔާއި އިރުޝާދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލުމާއި، މަސްލަހަތު ފުށުއެރުމުގެ ހިރާސް ކުޑަކުރުމަށް މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީނުކުރުމާއި، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން ހިމެނެ އެވެ. އަދި އެފަދަ ނިޒާމުތައް މޮނީޓަރކުރުމާއި މުރާޖައާކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް ފަދަ ކަންކަމާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިމަނާފަ އެވެ.
އޭސީސީން ބުނީ މި ގައިޑްލައިންގައި އިދާރާތަކަށް ރައްޔިތުން އިތުބާރުކުރާ، ދެފުށްފެންނަ ނިޒާމަކަށް ހެދުމަށްޓަކައި، އިދާރީ ހިންގުމުގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އިންތިޒާމުތަކާއި މިންގަނޑުތައް ފާހަގަކޮށްފައިވާ ކަމަށެވެ.
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ އިރުޝާދުނާމާ އޭސީސީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.