އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން، ހއ. ހޯރަފުށި އަދި ށ. ފުނަދޫގައި ހިންގި އިޖުތިމާއީ އޮޑިޓްގެ ހޯދުންތައް ހިމެނޭ ރިޕޯޓު އާންމުކޮށްފި އެވެ.

މި އަހަރުގެ އޮޑިޓް ހިންގާފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ދަ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު އެކައުންޓެބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް ޕްރޮޖެކްޓްގެ ދަށުންނެވެ.

އޭސީސީން ބުނީ މި އަހަރުގެ އިޖުތިމާއީ އޮޑިޓްގައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއެއް ކަމަށްވާ ހޯރަފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއު އާއި، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫއު އޮޑިޓްކުރެވިފައި ވާކަމަށެވެ.

މި ރިޕޯޓުގައި މި ދެ މަޝްރޫއު ރާވައި ހިންގުމުގައި ހުރި ބައެއް މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އެއްބަސްވުމުގައި ވާ ތާރީހަށް މަސައްކަތް ނުނިމި ލަސްވުމާއި، މުއައްސަސާތަކުގެ މެދުގައި ހުރި ގުޅުން ބަލިކަށިވުމާއި، ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ދެފުށްފެންނަ ނިޒާމެއް ގާއިމުކުރެވިފައި ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، މަޝްރޫޢުއުއް ހިނގަމުންދާ މިންވަރާއި ފެންވަރު ރަނގަޅަށް ބެލެހެއްޓުމަށް މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންގެ މެދުގައި ވިލަރެސްކުރާނެ ނިޒާމެއް އޮތުމުގެ މުހިންމުކަން އޭސީސީން ފާހަގަކުރެ އެވެ. އަދި މައުލޫމާތު ހާމަކުރުމުގައި އިސްނެގުމާއި، މަޝްރޫއުތައް މޮނިޓަރކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، މަޝްރޫއުތަކާ ގުޅޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ދެނެގަނެވިފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ހާމަކަމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިޖުތިމާއީ އޮޑިޓްތަކަކީ މުހިންމު ވަސީލަތެއް ކަމުގައި އޭސީސީން ފާހަގަކުރެ އެވެ. އަދި މި އިޖުތިމާއީ އޮޑިޓްގެ މަގްސަދަކީ ދައުލަތް ހިންގުމުގައި މުއައްސަސާތަކާއި ރައްޔިތުންގެ ދައުރު ހަރުދަނާކޮށް ޒިންމާދާރުކަން އިތުރުކޮށް، ފައިސާ އާއި ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް އެކަށައެޅިފައިވާ ނިޒާމުތައް ހަރުދަނާކުރުން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އޭސީސީން މި އަހަރު ހިންގި އިޖުތިމާއީ އޮޑިޓްގެ ރިޕޯޓް އެ ކޮމިޝަނުގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.