ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާނެތީ، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ފުރުސަތު އީސީން ވަނީ ދީފައެވެ. އެގޮތުން، މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެއެވެ.

ނަމަވެސް، މި ފޯމުތައް ހުށަހަޅަން ޖެހޭނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކަމަަށް އީސީން ވަނީ ބުނެފައެވެ.

އީސީން މިހާރު ވަނީ އިންތިޚާބީ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށްވެސް ހުޅުވާލާފައެވެ.