އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުން އެ ޕާޓީގެ ގައުމީ މަޖިލިހުން ފަސްކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން މަގާމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިސްތިއުފާދެއްވުމުން ވަގުތީ ޗެއާޕަސަން މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްގަފޫރު މޫސާ (ގަޕޯ) ވަނީ އިންތިހާބުކޮށްފައެވެ.

ސަލީމް ވަނީ އެޕްރީލް 4، 2026، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަނުގެ އިންތިހާބު އޮންނާނެ ތާރީހެއް އިއުލާނުކުރުމަށް ހުށައަޅުއްވާފައެެވެ. އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރެއްގެ ވޯޓާ އެކު އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ.

ޗެއާޕާސަންގެ އިންތިހާބު ބޭއްވުން ފަސްކުރަން ނިންމީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ވަގުތު ބޭނުންވާ ކަމަށް ގައުމީ މަޖިލިހުގެ މެމްބަރުން ހިޔާލު ފާޅުކުރެއްވުމާ އެކު އެވެ.

ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ޕާޓީގެ ފޯކަސް ގެއްލުވާނުލާ، އެކުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ.