ސްޕެނިޝް ލަލީގާގައި ރޭ ސެލްތަ ވީގޯ އަތުން ރެއާލް މެޑްރިޑް ބަލިވި މެޗަށް ފަހު، ރެއާލްގެ ކޯޗު ޒަބި އަލޮންސޯ މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ނުރުހުން ފާޅުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ރެއާލް ބަލިވީ 2-0 އިންނެވެ. މިއާއެކު ރެއާލް މިވަގުތު ލީގުގެ ދެވަނައިގައި އޮތީ، 40 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް ދަށުގަ އެވެ.
ރޭގެ މެޗުގެ 64 ވަނަ މިނެޓުގައި ރެއާލްގެ ފްރޭން ގާސިއާއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އިރު، މެޗުގެ އިތުރު ވަގުތުގައި އަލްވާރޯ ކަރެރާސްއަށް ވެސް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އެ ކާޑާއެކު ރެއާލްގެ ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ރެއާލްގެ ބެންޗުގައި އިން އެންޑްރިކަށް ވެސް ވަނީ ރަތް ކާޑު ދައްކާފަ އެވެ.
އެހެންނަމަވެސް ސެލްތަގެ ބޯޖާ އިގްލެސިއަސްގެ އުޅަނބޮށިން ރެއާލްގެ ޖޫޑް ބެލިންހަމްގެ ލޯމަތީގައި ޖެހި ފަޅައިގެން ދިޔުމުން ވެސް ރެފްރީ ވަނީ އެކަމާ އަޅާނުލާ ދޫކޮށްލާފަ އެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަލޮންސޯ ވަނީ ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ކަރެރާސްއަށް ދެއްކި ރަތް ކާޑާ މެދު ނުރުހުން ފާޅުކޮށް، އަލޮންސޯ ވަނީ ރެފްރީއަށް ފާޑުކިޔާފަ އެވެ.
ރޭގެ މެޗުގައި އަލޮންސޯއަށް ވެސް ރީނދޫ ކާޑު ދައްކާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ރޭ ސެލްތަ އަތުން ބަލިވި މެޗުގައި ރެއާލްގެ ޑިފެންޑަރު އެޑޭ މިލިޓާއޯއަށް އަނިޔާވެފައިވާއިރު، އޭނާ ހަތަރު މަސް ދުވަހަށް ކުޅުމާ ދުރުގައި ހޭދަކުރަންޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެއާލުން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ފޯމު ގެއްލިފައި އޮތް ރެއާލްއަށް ކުރިއަށް އޮތީ އަންނަ ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗެވެ. އެ މެޗުން ރެއާލް ބަލިވެއްޖެ ނަމަ އެ ޓީމުގެ ކޯޗުކަމުން އަލޮންސޯ ވަކިކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
