އިތުރު ޚިދުމަތްތަކާއި އައު ފީޗަރސްތަކާއެކު، ފުލުހުންގެ އެޕްލިކޭޝަން "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަނެވޭގޮތަށް އަދި ޚިދުމަތަށް އެދެވޭ ގޮތަށް ތައްޔާރުކޮށް، އަދާހަމަކޮށްފައިވާ މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.
ފުލުހުންގެ އެޕްލިކޭޝަނަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި, މައްސަލަ ހުށަހެޅުމާއި ތަހުޤީޤުކުރާ މައްސަލަތަކާގުޅޭ ހެކި ހުށަހެޅުމާއި ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެގޮތް ހަމަޖެހުން ހިމެނެއެވެ. އަދި މައްސަލަ ތަޙުގީގުކުރާ އޮފިސަރުގެ މަޢުލޫމާތާއި އެފަރާތާއި ސީދާ މުޢާމަލާތްކުރެވޭނެ ނިޒާމެއްވެސް އެޕްލިކޭޝަންގެ ތެރެއިން ފަހިވާނެއެވެ.
މީގެއިތުރުން، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް ޢައްޔަންވުމަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ ޚިދުމަތްވެސް މި އެޕްލިކޭޝަނާއެކު ތަޢާރަފު ކޮށްފައިވެއެވެ. އަދި ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ތަކެއްޗާއި ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މަޢުލޫމާތުތައްވެސް ފަސޭހަކަމާއެކު، މި އެޕްލިކޭޝަނުން މިހާރު ބަލައިލެވޭނެއެވެ.
ހަމައެއާއެކު، ޕޮލިސް ސެޓްފިކެޓް އަދި ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ފަސޭހަކަމާއެކު މި ސެޓްފިކެޓްތައް ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެގޮތްވެސް މި އެޕްލިކޭޝަންގައި ވަނީ ޤާއިމުކޮށްފައެވެ.ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އީފާސް މެދުވެރިކޮށް ލޮގިން ވެވޭގޮތަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަނުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިވާނެކަމަށާއި އަދި ޚިދުމަތްތައް ފަސޭހަކަމާއެކު، އަވަހަށް ފޯރުކޮށްދެވޭނެކަމަށެވެ.