މޯލްޑިވްސް 2.0 ހިމެނޭހެން ފަންނިއްޔާތުގެ އެކި ދާއިރާތަކާ ބެހޭ ގާނޫނުތަކެއް ހަދައި، މަޖިލީހަށް ހުށައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އެޕްލިކޭޝަން އައު ފީޗަރސްތަކަކާއެކު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގައި ތިން އަސާސެއް ހިމެނޭ ކަމަށެވެ. އެއީ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާ ވަރުގަދަކުރުމުގެ އިތުރުން އެކި އިދާރާތަކުން ހަދާ ޕޯޓަލްތަކާއި އެޕްލިކޭޝަންތައް ގުޅުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ކިނާނަތު ވިދާޅުވީ މިހާރު އިދާރާތަކުން ހަދާފައިވާ ސިސްޓަމްތައް އެއް ސިސްޓަމާއި އަނެއް ސިސްޓަމާ އެއްވެސް ގުޅުމެއް ނެތުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް ދެ ޕޯޓަލްގެ ދެމެދުގައި މައުލޫމާތު ބަދަލުކުރެވެން ފެށުމުން އިދާރާތައް ގުޅިގެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އަވަސްވެ ހަލުވިވާނެކަމުގައި ޑރ. ކިނާނަތު ފާހަގަކުރެއްވި އެވެ.

އިދާރާތަކުން ހަދާ ސޮފްޓްވެއަރތަކާއި ބޭނުންކުރާ ހަރޑްވެއަރތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ހެދުމުގެ މަސައްކަތާއި، ރާއްޖޭގައި ފަންނިއްޔާތާ ގުޅުންހުރި ގާނޫނުތަކެއް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ޑރ. ކިނާނަތު ވިދާޅުވި އެވެ. އެގޮތުން، ސައިބަރ ސެކިއުރިޓީއާ ބެހޭ ގާނޫނާއި ޑޭޓާ ޕްރޮޓެކްޝަންއާ ބެހޭ ގާނޫނުގެ ޑްރާފްޓް އެކުލަވާލައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑިޖިޓަލް އައިޑީގެ ގާނޫނަކާއި މޯލްޑިވްސް 2.0 ގެ ގާނޫނާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންއަންކަމަށް ޑރ. ކިނާނަތު ވިދާޅުވެފައިވެ އެވެ.

މި ގާނޫނުތައް ހެދުމުގެ މަގްސަދަކީ މޯލްޑިވްސް 2.0 ގެ މަޝްރޫއުގެ ދަށުން ފަންނިއްޔާތުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މޯލްޑިވްސް 2.0 މަޝްރޫއު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހްކޮށްދެއްވީ މިއަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ބޭނުމަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުން ކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ.