ޕޭ ހާމަނައިޒޭޝަންގެ ދަށުން ޖޮބްމެޓްރިކްސްއަށް ގެނެވުނު ބަދަލާ ގުޅިގެން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ސަބަބު ސާފުކުރުމަށް އެދި، ރައްޔަތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ނޭޝަނަލް ޕޭ ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި ބުނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ހިމެނޭ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ މިންގަނޑުތަކަށް ގެނެވުނު އިސްލާހުތަކާއެކު، ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވެފައިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން، ޖޮބްމެޓްރިކްސްއަށް ގެނައި ބަދަލާ ގުޅިގެން ބައެއް މަގާމުތަކަށް، އެގޮތުން، MS1 ގެ ރޭންކުގައި ތިބި ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައަށްވުރެ އަލަށް ހަމަޖެހުނު މުސާރަ ކުޑަވި ސަބަބާއި އެކަމުގެ ތަފްސީލީ މައުލޫމާތު ސާފުކޮށްދިނުމަށް މެންބަރު މުހައްމަދު އިބްރާހީމް ވަނީ އެދިފަ އެވެ.

މީގެއިތުރުން، ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލްކޮށްފައިވާ، MS3 ގެ ރޭންކުގައި ތިބި ބައެއް މުއައްސަސާތަކުގެ މުވައްޒަފުން، ހަމައެކަނި އަސާސީ ތައުލީމު ހާސިލްކޮށްފައިވާ މުވައްޒަފުންގެ ލެވެލް ނުވަތަ އެ ރޭންކަށް ބަދަލުވުން، އަދި އެ މަގާމުތަކުގެ ހުރިހާ އެލަވަންސެއް ކަނޑާލުމާއެކު ކުރިއަށްވުރެ މުސާރަ ކުޑަކުރި ސަބަބާއި ތަފްސީލު ހިއްސާކުރުމަށް ވެސް އެދިފައިވެ އެވެ.

އެ ސީޓައި ވަނީ އިތުރު ބައެއް ކަންކަން ސާފު ކުރުމަށްވެސް ހުށަހަޅާފަ އެވެ. އޭގެތެރޭގައި، ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ ރޭންކުގެ މައްސަލަ އާއި، ހާޒިރީ އެލަވަންސް ދިނުމުގައި ހުރި ތަފާތުގެ މައްސަލަ އާއި، ދަތުރު އެލަވަންސް ކަނޑާލުން އަދި އިތުރު ގަޑީގެ ފައިސާއާ ބެހޭ ގޮތުން ހުރި ޝަކުވާތަކުގެ ތަފްސީލު ހޯދުމަށްވެސް އެދިފައިވެ އެވެ.

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މި ބަދަލާއެކު ކައުންސިލްތަކާއި، އިދާރީ މުވައްޒަފުން އަދި ޖުޑިޝަރީ ހިމެނޭ ގޮތަށް 20،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.