މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެއް ގިނަ ސިނގިރޭޓު ނައްތާލައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ކަސްޓަމްސްއިން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 (އެއް މިލިއަން އަށް ލައްކަ ތިރީސް ހާސް) ސިނގިރޭޓް ސްޓިކްސް ނައްތާލައިފައިވާ ކަމަށެވެ.
މި ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ އަދި ދުންފަތް ކޮންޓްރޯލްކުރުމާގުޅޭ އާންމު ގަވާއިދުގެ 50 ،51 އަދި 54 ވަނަ މާއްދާ އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓު ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ސ. ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެއް ކަމަށެވެ.
މި ސިނގިރޭޓްތައް ނައްތާލާފައިވަނީ ޑިސެންބަރު 7 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގައި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.