އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއްގެ ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރުމުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުންކަމަށެވެ.

މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުންކަމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައިއެވެ.

އެގޮތުން، ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށްލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވިފައިވާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން މައުލޫމާތުދެއެވެ.

އެހެންކަމުން އަލަށް ފަރުމާކުރެވޭ މަސްވެރި އުޅަނދު ވާނީ ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވިގެން ފަރުމާކުރެވޭ އުޅަނދަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން ފާހަގަކޮށްފައިވެއެވެ.