މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސެޓިފިކެޓާއެކު ދަނޑުވެރިކަން ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރެވޭނެ ކަަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ސެޓިފިކެޓުން ދަނޑުވެރިކަން ބައިނަލްއަގްވާމީ ފެންވަރަކަށް ގެންދެވޭނެ: މާރިޔާ
ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ސެޓިފިކެޓުން ދަނޑުވެރިކަން ބައިނަލްއަގްވާމީ ފެންވަރަކަށް ގެންދެވޭނެ: މާރިޔާ

މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ ގެ ދަށުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސްޓެންޑަޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަޑް ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވޯކްޝޮޕް ނިންމެވުމަށް ފަހު ކޮންމެ ބޭފުޅަކު ވެސް ރަށަށް އެނބުރި ވަޑައިގަންނަވަން ވާނީ ހެޔޮ ބަދަލު ގެނުވާނޭ ސަފީރެއްގެ ގޮތުގައި ކަމަށެވެ.

ވޯކްޝޮޕްގެ ތެރެއިން ދަނޑުވެރިކަމުގެ ދާއިރާ ބަދަލުކުރެވިދާނެ ގޮތެއްގެ ތަސައްވުރު ދަނޑުވެރިންނަށް ލިބިފައިވާނެ ކަމަށާއި ކޮންމެ ގޭބިސީއަކަށް ވެސް ރައްކާތެރި ކާނާ ފޯރުކޮށް ދެވޭނެ ގޮތްތައް ވޯކްޝޮޕް މެދުވެރިކޮށް ހިއްސާ ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދަނޑުވެރިންނަށް ލިބޭ އާމްދަނީއިން ފުދުންތެރި ދިރިއުޅުމެއް ހޯދޭނޭ މަގުތައް ވެސް ކިޔައިދީފައިވާނެކަމަށް ވިދާޅުވި އެވެ.

އެމްގެޕްއަކީ ހަމައެކަނި ކަރުދާހުގައިވާ ޝިއާރުތަކެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއީ ދަނޑުވެރިންނަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި މީގެ ސަބަބުން ބާޒާރުން ކާނާ ގަންނަ ފަރާތްތަކަށް ސިއްހީ ރައްކާތެރިކަމުގެ ޔަގީންކަން ލިބި މޫސުމީ ބަދަލުތަކުން ރަށްތަކަށް ދިމާވެދާނެ ނުރައްކަލުން ސަލާމަތްވާން ހިތްވަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. މިއީ ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ.

އެމް ގެޕް ސްޓޭންޑަރޑަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕްގެ ތެރެއިން

ދެ ދުވަހުގެ މުއްދަތަށް ކުރިއަސް ދިޔަ މި ވޯކްްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 މީހުން ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަނޑުވެރިއެކެވެ.

މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި ކުރިޔަށް ގެންދިޔައީ މާލޭ ސިޓީގަ އެވެ. އަދި އެއަށް ފަހު ޕްރެކްޓިކަލް ބައި ކުރިއަށް ގެންގޮސްފައިވަނީ އއ. ތޮއްޑޫގަ އެވެ.

ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް ނުވަތަ މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް އަކީ މުހިންމު ސްޓޭންޑަޑެއް ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެ އެވެ. މިހާތަނަށް ރާއްޖޭގައި 10 ދަނޑަށް އެމްގެޕް ސެޓިފިކެޓެ ދީފައިވެ އެވެ. އެއީ ށ. ގޮއިދޫގެ ދިހަ ދަނޑެވެ. އެއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް އެމްގެޕް ގެ ސެޓިފިކެޓް ހާސިލްކުރި ފުރަތަމަ ރަށްކަން ފާހަގަކޮށްލެވެ އެވެ.