މާރުކޭޓު ސަރަހައްދު އެއްކޮށް ބަދަލުކޮށް އެ ސަރަހައްދުގައި މަސްވެރިކަމުގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް މާރުކޭޓް ހުރި ތަނުގަ މިކްސްޑް ޔޫސް މާކެޓެއް ޖަޕާން ސަރުކާރުގެ އެހީގައި ހަދާ ގޮތަށް ނިންމިފައިވާކަމަށެވެ. އަދި މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް އަޅާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ ކުރިން ފެށިގެން ވެސް ރާވާފައިވާ ގޮތަކީ އެއީ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް އޮތް އޮރިޖިނަލް ޕްލޭން އަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު މަސް މާރުކޭޓު ހުރި ސަރަހައްދުގައި މަސްވެރިކަމުގެ އިމާރާތެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އެ އިމާރާތުގައި ގާއިމްކުރާނީ އޮފީސް ސްޕޭސްތަކެއް ކަމަށާއި މަސްވެރިކަމުގެ ކުންފުނިތަކާއި ޖަމިއްޔާތަކަށް އެ ތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ޓެކްނިކަލް ލެވެލްއެއްގައި ކުރިއަށް ގެންދަމުން ދާކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ބާޒާރުމަތީ ސަރަހައްދަކީ ވަރަށް ބޮޑަށް ތޮއްޖެހޭ ސަރަހައްދެއް ކަމުން ބާޒާރުމަތީ ސަރަަހައްދުގެ މަގުގެ ބައެއް ފުޅާ ކުރުމުގެ މަސައްކަތް ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމްޕީއެލް ސަރަހައްދުން ބާޒާރުމައްޗާއި ހަމައަށް އޮންނަ މަގު ދެކޮޅަށް ދުއްވޭ މަގަކަށް ހަދައި ފުޅާ ކުރުމުގެ މަސައްކަތް ރޯދަ މަހަށް ނިންމައިލެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.