ޕޭ ހާމަނައިޒް ކުރުމުގެ ބޭނުމަކީ ގެއަށް ގެންދެވޭ މުސާރަ ބޮޑުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި ދިރިއުޅުއްވާ ރައްޔިތުންނާ ކަލާފާނު ސްކޫލުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ސަބަބުން އަސާސީ މުސާރަ މަތިވެގެން ދާނެ ކަމަށެވެ. އެހެންނަމަވެސް އިތުރު ގަޑީގެ ފައިސާއާ ގުޅިގެން ވަރަށް ގިނަ މައްސަލަތަކާއި ޝަކުވާތައް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިފަދައިން ލިބުނު ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށް ވިދާޅުވި އެވެ. މުވައްޒަފުންގެ މިފަދަ ޝަކުވާތަކަށް ޕޭ ކޮމިޝަނާއި އޮފީސްތަކުގެ ވެރިން ގުޅިގެން ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ވަކިން އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ޖުޑިޝަރީ ނިޒާމަކީ ވަކި ޕޭ ނިޒާމެއް އޮންނަ ދާއިރާއެއް ކަމުން އެ ދާއިރާގެ ޕޭ ހާމަނައިޒް ކުރުމަށް ވަކިން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެެވެ. އެހެންނަމަވެސް ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ ޝަކުވާތަކެއް މިކަމާ ގުޅިގެން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ގެނެވެން އޮތް ހައްލުތައް ޕޭ ކޮމިޝަން މެދުވެރިކޮށް މުސާރަތަކަށް ގެނެސްދެވޭނެ ކަމަށް ރައިސް ވިދާޅުވި އެވެ. ވަރަށް ގިނަ އޮފީސްތަކުގައި މުވައްޒަފުންގެ މުސާރައިގެ ޝަކުވާތަކަށް ހައްލު ގެނެސްދެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުން ބައެއް އިދާރީ މުވައްޒަފުންގެ މުސާރައިން 4،000އެއްހާ ރުފިޔާ ކުޑަވެގެންދާ ކަމަށް ޖުޑިޝަރީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މައުލޫމާތު ދީފައިވެ އެވެ. އެކަމާ ގުޅިގެން ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން ވަނީ ކަޅު ހެދުމުގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުން ވެސް އިތުރު ގަޑިއަށް ކޮންމެހެން މަސައްކަތް ކުރަން ޖެހޭއިރު، އެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭގޮތަށް އުސޫލު ކަނޑައަޅާފައިވާތީ އެކަމާ ގުޅިގެން ބައެއް އޮފީސްތަކުގެ މުވައްޒަފުން ޝަކުވާ ކޮށްފައިވެ އެވެ.