މި އަހަރު 10 އިންސައްތަ އަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރުވެއްޖެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ޑިވަލޮޕްމެންޓް އިން ނެރެފައިވާ އަދާހަމައަށް ބަލާއިރު ޑިސެމްބަރު 3 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 2،040،846 (ދެ މިލިއަން ސާޅީސް ހާސް އަށްސަތޭކަ ސާޅީސް ހަތެއް) ފަތުރުވެރިން އައިސްފައިވެ އެވެ.
މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ 73 އިންސައްތަ ފަތުރުވެރިން ތިބީ ރާއްޖޭގެ ރިސޯޓުތަކުގަ އެވެ. މިއީ އަދަދުން ބަލާއިރު 1،502،326 (އެއް މިލިއަން ފަސް ސަތޭކަ ދެ ހާސް، ތިން ސަތޭކަ ސައްބީސް) ފަތުރުވެރިންނެވެ. ގެސްޓްހައުސް ތަކުގައި 21.6 އިންސައްތަ ފަތުރުވެރިން ވަގުތު ހޭދަކޮށްފައިވާއިރު މިއީ އަދަދުން ބަލާއިރު އެއީ 441،175 ( ހަތަރު ސަތޭކަ ސާޅީސް އެއްހާސް، ސަތޭކަ ހަތްދިހަ ފަހެއް) ފަތުރުވެރިންނެވެ.
މީގެ އިތުރުން 52،700 ( ފަންސާސް ދެ ހާސް ހަތް ސަތޭކަ) ފަތުރުވެރިން ހޮޓެލް ތަކަށް ދަތުރުކޮށްފައިވެ އެވެ. އެއީ 2.6 އިންސައްތަ ފަތުރުވެރިންނެވެ. އަދި 2.1 އިންސައްތަ ފަތުރުވެރިން ޓޫރިސްޓް ވެސަލްސްތަކުގައި ވަގުތު ހޭދަކޮށްފައިވެ އެވެ. އެއީ އަދަދުން ބަލާއިރު 42،852 (ސާޅީސް ދެހާސް، އައްސަތޭކަ ފަންސާސް ދެ) ފަތުރުވެރިންނެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ 10 ގައުމުތަކުގެ ލިސްޓުން އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 314،201 (ތިން ލައްކަ ސާދަ ހާސް ދުވިސައްތަ އެކެއް) ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 15.4 އިންސައްތަ އެވެ. ޗައިނާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައ ރަޝިއާ، ޔޫކޭ، ޖާމަނީ، އިޓަލީ، އިންޑިއާ، ޔޫއެސްއޭ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑް ހިމެނެ އެވެ.
މި އަހަރުގެ މިހާތަނަށް 66،761 (ފަސްދޮޅަސް ހަ ހާސް ހަތް ސަތޭކަ ހަތްދިހަ އެކެއް) އެނދު ފަތުރުވެރިކަމުގެ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވެ އެވެ.
މީގެ އިތުރުން މިހާރު ރާއްޖެއަށް ވައިގެމަގުން 35 އެއާ ލައިންއެއް އަންނަނީ ދަތުރުކުރަމުންނެވެ.
2022 އިން ފެށިގެން 2025 އާ ހަމައަށް 35 އިންސައްތައިގެ ކުރިއެރުން ފަތުރުވެރިކަމަށް ލިބިފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ އަހަރެއްގެ ގޮތުގައި ޓުއަރިޒްމް މިނިސްޓްރީއިން ފާހަގަކުރެ އެވެ.