އާސަންދައިން ކުރިން ލިބެމުން އައި އެއްވެސް ބޭހެއް ނުލިބޭ ގޮތް ހަދާފައި ނުވާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާލުވެއްޖެއެވެ.
ވީޓީވީ ގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އާސަންދައިގެ ނިޒާމު އަންނަނީ އިތުރަށް ފުޅާކޮށް އިތުރު ހިދުމަތްތައް ލިބޭނެގޮތް ހަދަމުންކަމަށެވެ.
އެގޮތުން އާސަންދައިން މިހާރު އެއާ އެމްބިއުލާންސް ހިދުމަތާއި، ފާޓިލިޓީ ސެންޓާގެ ހިދުމަތްތައް ދެމުންގެންދާކަމަށާއި އާސަންދަ ލިބޭ ތަންތަން އިތުރު ކުރަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އާސަންދައިން ބޭސް ނުލިބޭ ކަމުގައި ބުނުމުން އޭގެން ދެމާނައެއް ނެގޭ ކަމަށެވެ. އެގޮތުން އެއް މާނައަކީ ޕްރައިވެޓް ބޭސް ފިހާރައަކަށް ދިޔުމުން އާސަންދައިން ބޭސް ދޫނުކުރާކަމަށް ބުނުން ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ބައެއް ބޭސްތަކުގައި ކޮންޓްރޯލް އަގެއް ލާފައިވާނެކަމަށެވެ.
މިކަން މިގޮތަށް ކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމް ކުރިޔަށްގެންދިޔުމަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން އެޅުނު ފިޔަވަޅެއްގެ ގޮތުންކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އާންމުކޮށް އާސަންދައިން ލިބޭ ބޭހެއް ވަކި ބޭސް ފިހާރައަކުން ނުދީފިނަމަ ރިޕޯޓް ކުރާނެ ނިޒާމެއް ގާއިމު ކޮށްފައިވާނެކަމަށާއި، ރިޕޯޓް ކުރުމަށް ބޭސް ސިޓީގައި ގުޅަންވީ ނަންބަރު ލިޔެފައިވާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އަދި ރިޕޯޓް ކުރުމުން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި މިފަދަ މައްސަލަތައް ފާހަގަވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ވަކި ބޭހެއް ނުވަތަ ވަކި ކަހަލަ ބޭހެއް ލިބެން ނެތުމަކީވެސް ދިމާވެދާނެ ކަމެއްކަމަށެވެ. އެގޮތުން ބޭސް ލިބުމުގައި ދަތި ތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެކަން ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީ އާއި އާސަންދައާއި އެންސްޕާ އާއި ސޯޝަލް މިނިސްޓްރީގެ އިތުރުން އެސްޓީއޯ އިން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން މިހާރު އެ މައްސަލަ އާންމު ހާލަތަކަށް ގެނެވިފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ކޮންމެ ހަފްތާއަކު ބައްދަލުވުންތައް ކުރިއަށް ގެންދަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވަކި ބޭހެއް ނުލިބިއްޖެނަމަ އާސަންދައަށް ބޭސް ސިޓީ ގެންދިޔުމުން ރާއްޖެއިން ލިބެން ދަތި ބޭހެއްނަމަ ބޭރުން ބޭސް ގެނެސްދިނުމުގެ ނިޒާމުވެސް ގާއިމު ކުރެވިފައިވާކަމަށެވެ.
މި ވީހާތަނަށް ރާއްޖޭގައި ބޭހުގެ ކަންކަން ބޮޑަށް ކޮންޓްރޯލް ކުރަމުން އައިސްފައިވަނީ ޕްރައިވެޓް ތަންތަނުން ކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ މިހާރު އެސްޓީއޯ އިން ރާއްޖެއަށް ބޭސް އެތެރެ ކުރާ މިންވަރު އިތުރު ކުރަމުންދާކަމަށާއި، ބޭހަކީ އަސާސީ ހިދުމަތެއް ކަމަށެވެ.
އަދި މިދާ މިސްރާބުގައި ކުރިއަށް ގޮސްފިނަމަ މިއަދަށްވުރެ މާރަނގަޅު ހާލަތަކަށް ދެވޭނެކަމަށާއި ކުރިއަށް ވުރެ މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި މިކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދާކަމަށާއި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ޕްލޭންކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.