ތޫފާން ދީތުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި ލަންކާއަށް ފޮނުވަނީ އެ އެއާލައިނާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެން ކަމަށެވެ.

މޯލްޑިވިއަނުން ލަންކާއަށް އަސާސީ ތަކެތި ފޮނުވާއިރު، މިއަދާއި އަންނަ އަންގާރަ ދުވަހު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330 ގައި ލަންކާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވެސް ޝެޑިއުލްކޮށްފައިވެއެވެ.

ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރަށް ހަދިޔާކޮށްފައެވެ. މީގެއިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ލަންކާ ސަރުކާރާ މިހާރު ވަނީ ހަވާލުކޮށްފައެވެ.