ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއުގެ ދަށުން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަބަބުތަކާ ހެދި ބިން ހިއްކުން ލަސްވަމުން އައިސް މިފަހުން އަނެއްކާވެސް ފޭސް 3 ހިއްކަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ބިން ހިއްކުމުގެ ސްޕީޑް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކުރަން ފަށާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާކަމަށެވެ. މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައިކަމަށް އެޗްޑީސީން ބުނެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު މިމަސައްކަތް ކުރަމުން އަންނަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ޙަވާލުކޮށްގެންނެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ބިން ހިއްކުން އަވަސްކުރުމަށް ބޭނުންވާ އިތުރު ޑްރެޖަރ ރާއްޖެ އައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ފަހުކޮޅު ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމަށްފަހު ދެން ކުރިޔަށްދާނީ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢެވެ.

ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފައެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢުގެ ގޮތުގައި ސިފަކުރާ ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުން އަންނަ މަހުން ފެށިގެން 3 ގުނަ އަވަސްވެގެންދާނެކަމަށް ޖުމްހޫރީ ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެމަސައްކަތް ފަސް މަސްދުވަހުގެ ތެރޭގައި ނިމެނޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް ހިއްކާފައިވަނީ 129 ހެކްޓަރުކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި މިހާރު ތަރައްގީ ކުރެވެމުންދާ ފިޔަވަހިތަކެކޭވެސް އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް އެންމެ އަދާހަމަ ބީދައަކުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާރކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ.