ކާޑުލިމިޓްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭކަމަށާއި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން މީހުންނަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި އޭގެ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާޗަންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަކަށް، ޓިކެޓް އަދި ހޮޓެލް ބުކިން އަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުން ކުރުންވެސް ހިމެނޭކަމަށް ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލް އިން ބުނީ ތިންވަނަ ފަރާތަކަށް މިފަދައިން ކާޑު ދިނުމާއި ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރި ފަރާތާއި ބޭންކާ ދެމެދު ވެފައިވަ އެއްބަސްވުމާ ހިލާފު އަމަލެއްކަމަށެވެ. އަދި ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރި ފަރާތެއްގެ ހަމަ އެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއްކަމަށް ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މިފަދަ މުއާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާއި ހިލާފު މުއާމަލާތްތަކެއް ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނެފައިވަނީ ކުރިއަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެކަމަށެވެ.
މީގެ އިތުރުން މިގޮތަށް ބޭނުންކުރާ ކާޑުތައް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް ބޭންކުން އަޅަން ޖެހިދާނެކަންވެސް ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭނީ ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ވަނީ 11 ނޮވެމްބަރ 2025 އިން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރު ކޮށްދީފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައި މިވާ ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއަމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިން އަށާއި ސިއްހީ ފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައަޅާފައިވެއެވެ.