ހުޅުމާލޭގައި ހުރި ބޭނުންނުކުރާ އުޅަނދުތައް ނެގުމަށް ފެށި އޮޕަރޭޝަންގައި ފާއިތުވި 24 ގަޑިއިރުތެރޭގައި 252 އުޅަނދެއް ޓޯވ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި ޓޯކޮށް، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހިންގާ މި އޮޕަރޭޝަން ފަށާފައިވަނީ ޑިސެމްބަރ 5 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި އުޅަނދުތައް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައިކަމުގައެވެ.
މިހުރިހާ އުޅަނދުތަކަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއްކަމަށްވެސް ފުލުހުން ބުނެއެވެ.
މިއޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަމުގައި ފާހަގަކޮށް، އެގޮތަށް ހުރި އުޅަނދުތައްވެސް ނެގުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
މީގެއިތުރުން ހުޅުމާލޭގައި ޕާކުކުރާ ޢިމާރާތްތައް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށާ، ކުރިއަށް އޮތް 4 މަސްދުވަސް ތެރޭގައި މަސައްކަތް ފެށޭވަރުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި، ހޯމްލޭންޑް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެންނެވެ. މީގެއިތުރުން، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ވެސް މި އޮޕަރޭޝަނުގައި ބައިވެރިވެ އެވެ.
އަންގާރަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރުމަށް ވަނީ ހަމަޖެހިފަ އެވެ.