ޖެނުއަރީ މަހު ޒަކާތު ބެނެފިޝިއަރީ ކާޑެއް އިފްތިތާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ޒަކާތު ބެނެފިޝިއަރީ ކާޑު އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ޒަކާތު ހައުސް އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެންކަމަށެވެ. މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ޖެހިފައި ތިބި ފަގީރުންގެ އަތުގަކަމަށާއި މި ކާޑު ފަގީރުންގެ ލިސްޓުގައިވާ ކޮންމެ މީހަކަށް ފޯރު ކޮށްދޭނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ މި ކާޑު އޮތުމުގެ ސަބަބުން ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހެއްކަން ފަސޭހައިން ވިޔަފާރިވެރިންނަށް ދެނެގަނެވޭނެކަމަށާއި ކޮންމެ އަހަރަކުވެސް ޒަކާތު ހައުސް އިން ކަނޑައަޅާފައިވާ އެހީ އެ ކާޑުން ލިބޭގޮތް ހަދާނެކަމަށެވެ.
އަދި މި ކާޑު މެދުވެރިކޮށް ކަނޑައަޅާފައިވާ ފިހާރަތަކުން، ކަނޑައަޅާފައިވާ އަދަދަކަށް ތަކެތި ނެގޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ މީގެ ބޭނުމަކީ މި ޒަމާނާ އެއްވަރަށް މި ނިޒާމު ތަރައްގީ ކޮށް ފަގީރު މީހާ އެކި އޮފީސް ތަކަށާއި ތަންތަނަށް ހިނގުން މަދުކޮށް އޭނާއަށް ފަސޭހައިން ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.