މާލޭގައި ހުންނަ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ، ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)ކަމަށެވެ. އަދި މީނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވަނީ ޑިސެންބަރު 5 ވަނަ ދުވަހު ކަމުގައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށްވާތީވެ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށާއި މި މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.