ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިއްޖެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން ބުނީ މި ކާޓްރިޖްތަށް ފެނިފައިވަނީ މާލޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައިކަމަށާއި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާކަމަށެވެ.
އެގޮތުން ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ފޭސް ބުކް ޕޭޖެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި އަދި މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށެވެ.
ވޭޕް އަދި ވޭޕް ކާޓްރިޖަކީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ތަކެއްޗެވެ.