ޔުނީފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ނަޝީދު (އެކްސް) ގައި ކޮށްފައިވާ ޕޯސްޓޭއްގައި ވިދާޅުވީ ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ އަށް ވުރެއް ގިނައިން ނަގާ، އެފައިސާ ފޮތި ފިހާރައަކަށް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށެވެ.

އެގޮތުން ރާއްޖޭގައި 90،000 (ނުވަދިހަ ހާސް) އަށް ވުރެއް ގިނަ ދަރިވަރުން އެބަ ތިބި ކަމަށާއި މިހާރު ހުށަހަޅާފައިވާ ޔުނިފޯމަށް އެންމެ މަދުވެގެންވެސް 900 (ނުވަސްތޭކަ) ރުފިޔާ ހަރަދުވާނެކަމަށްވެސް ނަޝިދު ފާހަގަކުރެއްވިއެވެ.

އަދި މިހާރުވެސް ދަރިވަރުންތިބީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށް ނަޝީދް ވިދާޅުވިއެވެ.

ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ ޔުނިފޯމަށް ގެންނަ ބަދަލާ ގުޅޭ އުސޫލެއް އެކުލަވާލާ ސްކޫލްތަކަށް ފޮނުވާފައެވެ. އަދި މި އުސޫލަށް ޢަމަލުކުރަން ފަށާނީ 2027ގެ ދިރާސީ އަހަރުން ފެށިގެން ކަމަށާއި ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކުން ވެސް އެ އުސޫލާ އެއްގޮތަށް ޔުނިފޯމު ބަދަލުކޮށް ނިންމުމަށް ތަޢުލީމީ ވުޒާރާއިން ވަނީ އަންގާފައެވެ.

އެ އުސޫލުގައި ބުނެފައިވަނީ ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި(ގަމީސްޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ. ސްކޫލްތަކުގައި ރަސްމީ ޔުނީފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެވެ.

މީގެއިތުރުން ވެސް ބައިަވަރު ބަދަލުތަކެއް ވަނީ ޔުނީފޯމް އެޅުމަށް ގެނެސްފައިކަން ފާހަގަކުރެވެއެވެ.