ސަރުކާރުގެ ފަރާތުން މިހާރު ހުޅުމާލޭގައި ޕާކުކުރާ ޢިމާރާތްތައް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށާ، ކުރިއަށް އޮތް 4 މަސްދުވަސް ތެރޭގައި މަސައްކަތް ފެށޭވަރުވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްފައި ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނެގުމުގެ ހާއްސަ އޮޕަރޭޝަން ފެށުމުގެ ގޮތުން ބާއްވާފައިވާ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ހުޅުމާލެ ފޭސްއެކެއް އަދި ފޭސް ދޭއްގައި ޕާކިން ބިލްޑިން އެޅުމުގެ މަރުހަލަކަމަށެވެ.

އަމީން ވިދާޅުވީ ބޭނުން ނުކުރާ އުޅަދުތައް އެކި ހިސާބުތަކުގައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ހާސަކޮށް ފޭސް 2 ގެ އުތުރު ސަރަހައްދުގައި ބޭނުންނުނުކުރާ ވެހިކަލް ހުރުމުގެ ސަބަބުން ވަރަށް ގިނަ އުނދަގޫތަކެއް މަގު ބޭނުން ކުރާ ފަރާތްތްކަށް ވަނީ ކުރިމަތިލާން ޖެހިފައިކަމަށެވެ.

މީގެ އިތުރުން ޕާކިން އަށް ދިމާވެފައިވާ މައްސަލަތަކާއި މަގުތަކުގެ އަމާންކަން ރަނގަޅުކުރުމަށްޓަކައި ރައީސް ގެ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތުގައި، މާދަމާ އަދި މިއަދުގެ މެންދުރުގެ ފަހުން ހުޅުމާލޭގައި މިހާރު ބޭނުންކުރާ ބިންތަކުގެ އިތުރުން 3 ބިމެއް ޕާކުކުރުމަށްޓާކައި ލިބޭނެކަމަށް އަމީން ފާހަގަކުރެއްވިއެވެ.

"އަދި މީގެ އިތުރުން ޕާކިން އަށް ދިމާވެފަ ހުރި މައްސަލަތަކާއި މަގުތަކުގެ އަމާންކަން ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ބެއްލެވުމުގެ ދަށުން މި ކުރައްވަމުންދާ މަސައްކަތްތަކުގަ، އިރާދަކުރެއްވިއްޔަމުން މާދަމާ އަދި މިއަދުގެ މެންދުރު ފަހާ އެކީގަ ހުޅުމާލޭގެ މި ދެފޭސްގެ މިހާރު މިހާރު ބޭނުންކުރާ ބިންތަކުގެ އިތުރުން 3 ބިމެއް ވެސް ޕާކުކުރުމަށްޓާކައި ލިބޭނެ."

މުހައްމަދު އަމީން/ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު

މީގެއިތުރުން މަގުމައްޗަށް ދޫކޮށްލާފައި ހުރި ވެހިކަލްތަކާއި ތަންތަނުގައި ގަވާދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް މި 3 ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައި ވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.