އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށް، 10،000 މެންބަރުން ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.
އަދާލަތު ޕާޓީ ހިމެނޭހެން މިއަހަރުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވެ އެވެ. ނަމަވެސް މިފަހަރު ފައިސާ ލިބޭ ލިސްޓުން އަދާލަތުގެ ނަން އުނިވީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވާތީ އެވެ. އެ ޕާޓީގައި މިހާރު ތިބީ 8،844 މެމްބަރުންނެވެ.
އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި ޕާޓީއެއްގެ ގޮތުން މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކުރީ ވެރިކަންކުރާ ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.
އެގޮތުން، މިއަހަރުގެ ބަޖެޓުން ޕީއެންސީއަށް 13.31 މިލިއަން ރުފިޔާ، އެމްޑީޕީއަށް 8.45 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ތެރެއިން ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާއިރު، ޕީއެންސީގައި 68665 މެންބަރުން، އެމްޑީޕީގައި 43765 މެންބަރުން، ޖޭޕީގައި 13456 މެންބަރުން، އެމްޑީއޭގައި 9011 މެންބަރުން އަދި އަދާލަތު ޕާޓީގައި 8844 މެންބަރުން ތިއްބެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ޕާޓީތަކަށް ދޫކުރާނެ އެވެ. ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސް އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓަކީ ވެސް 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކެވެ. އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެންބަރުން ވެސް ހަމަނުވެ އެވެ.