ނޮވެމްބަރު 30 ވަނަ ދުވަހުގެ މެންދުރު ނިޔާޥެފައި އޮއްވާ ފެނުނު މީހާގެ ބަނޑުން 818 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު 12:57 ހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކްއިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވި ނަމަވެސް އެ މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުމުން މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވުން ކަމަށް ފުލުހުން ބުންޏެވެ. މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެ ރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ. އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށާއި އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމެވެ.
ފުލުހުން ބުނީ މިމައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދާތީ ކަމަށެވެ. އަަދި މިމަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށާއި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.