މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެ އެވެ.

ރާއްޖޭގެ ފިރިހެން ޓީމުން ވަނީ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގެ ޑަބަލްސް ގޭމްގައި ބަންގްލަދޭޝްގެ އަނީސް އަހުމަދު އާއި ބާސޫ ދާސްގެ ޕެއާ އަތުން ރާއްޖޭގެ އާދަމް އަދީލް އާއި އިސްމާއީލް އަޒްމީންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ބަލިވެފަ އެވެ. މި މެޗުން ބަންގްލަދޭޝްގެ ޕެއާ މޮޅުވީ 25-9 އަދި 23-10 އިންނެވެ.

މި އިވެންޓުގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ ހަސަން ނާޒިމް ވަނީ ބަންގްލަދޭޝްގެ ހެމްއަތު މޮއްލާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ.

ސިންގަލްސް ދެވަނަ މެޗު ތިން ސެޓަށް ދިގުދެމިގެންދިޔައިރު، ރާއްޖޭގެ އިބްރާހީމް ހުޖާން އަލީ އަތުން ބަންގްލަދޭޝްގެ ހަފީޒުއްރަހުމާން މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ހަފީޒުއްރަހުމާން 20-19 އިން ކުރިހޯދިއިރު، ހުޖާން ވަނީ ފޯރިގަދަކޮށްދިޔަ ދެވަނަ ސެޓު 24-23 އިން ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު، ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހަފީޒުއްރަހުމާން މޮޅުވީ 18-13 އިންނެވެ.

މި މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.

މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި 17 ގައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.