ދިވެހިންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް ވެދިން ދީލަތި އެހީއަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން އެއްވުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު މި އެއްވުން ބޭއްވީ ވިލާ ކޮލެޖާއި ސްވިމިންގ ޓްރެކާ ދެމެދުގައި އޮންނަ ސަރަހައްދުގަ އެވެ.
އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން ދިތުވާގައި އެތައް ބަޔަކު މަރުވެ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ލަންކާއަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން މެދުވެރިކޮށް ޖުމްލަ 800،352 ޑޮލަރު ލިބިފައިވެ އެވެ. އަދި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވަނީ އެ ބޭފުޅުންނާއި އެބޭފުޅުންގެ ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުން، ރާއްޖޭގައި ހުންނަ ލަންކާގެ ހައިކޮމިޝަނާ ފައިސާގެ އެހީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ ލަންކާއަށް 50،000 ޑޮލަރާއި 25،000 މަސްދަޅުކޭސް ހަދިޔާކޮށްފަ އެވެ. މި އެހީތެރިކަމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ދައްކުވައިދޭ ކަމެއް ކަމުގައި ދިވެހި ސަރުކާރުން ފާހަގަކުރެ އެވެ.
ދިވެހީންގެ ފަރާތުން ލަންކާއަށް 2.4 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ލަންކާ ރައްޔިތުން އަންނަނީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ދީލަތި އެހީއަށް އަދި މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ޝުކުރު އަދާކުރަމުންނެވެ. އަދި ދިވެހި ރައްޔިތުންނަށް ކަމެއް ޖެހިއްޖެ ހާލަތެއްގައި އަތުގައި އޮތް ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ދިވެހިންނަށް ދޭން ޖެހޭނެ ކަމަށް ލަންކާ ރައްޔިތުން ޝުއޫރު ފާޅު ކުރަމުން ބުނެފައިވެ އެވެ.
ތޫފާން ދިތުވާގައި ލަންކާއިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފަ އެވެ. އެ ތޫފާނުގެ އަސަރު 1.2 މިލިއަން މީހުންނަށް ކޮށްފައިވެ އެވެ.