މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓުގެ ފައިނަލުގައި ވާދަކޮށް، ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑަލް ހޯދައިފި އެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީހުގައި ޓީމް އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލްކުރި ފުރަތަމަ ފަހަރެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓުގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.
އެގޮތުން، މި އިވެންޓުގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފަ އެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، 17-13 އިން ނަހުފާ އާއި ރަޔާނާ ވަނީ ކުރިހޯދާފަ އެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓު އިންޑިއާގެ ޕެއާއިން ވަނީ 25-5 އިން ކާމިޔާބުކޮށްފަ އެވެ.
ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 24-8، 25-8 އިންނެވެ.
މީގެއިތުރިން، ސިންގަލްސް ދެވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ އައިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.
މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި 17 ގައުމަކުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.