ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއާލައިނެވެ. އިއްތިހާދު އެއާވޭސްއާއެކު ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 29 އަށް އިތުރުވެފައެވެ.

ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުއެވެ. ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސްގެ އޭރިއޭ މެނޭޖަރ ސެންޓްރަލް ރެހާން މުހައްމަދު ފާއިޒު އާއި އެ އެއާލައިންގެ އެއާޕޯޓް މެނޭޖަރ މުނާޒު އަލީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް ކައިރި ކުރި އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓް، EY376 އިން ރާއްޖެ އައި 180 ޕަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ގާއިމްވެފައި އޮންނަ އިއްތިހާދު އެއާވޭސްއަކީ ޔޫއޭއީގެ ގައުމީ އެއް އެއާލައިނެވެ. އަދި އެއީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ނޮވެންބަރު 2011 ގައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިއުމަތެއް ފޯރުކޮށްދިނުމެވެ.