ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ދުންފަތުން އިސްތިޢުމާލުކުރުމުގެ ގެއްލުން" މިއެވެ.ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކީރިތިވަންތަ މާތް ﷲ މި ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ އެއްޗެއް އުފައްދަވައި، އިންސާނުންނަށް އެ ތަކެތީގެ ބޭނުން ހިފުން ހުއްދަކުރެއްވިއެވެ. އެކަލާނގެ ޙަރާމްކުރެއްވީ، ވަރަށް މަދު އެއްޗެކެވެ. އެއީ އެ ތަކެތިން ލިބިދާނެ ބޮޑު ގެއްލުމަކަށް ޓަކައެވެ.

ދުންފަތަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން އެންމެހައި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށާއި، މި ކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި، މީހުން އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓައިލާ ކަމަށެވެ. ދުންފަތުގެ ސިއްޙީ ނުރައްކާތައް އަދި އިސްރާފުދުންފަތުގެ އިސްތިޢުމާލުކުރުމަކީ ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބުކަމަށާއި، މީގެ އިތުރަށް ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީ ޖަހައި، ލޭ ހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެކެވެ.

މީގެ އިތުރުން، އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. މާބަނޑު އަންހެނުންނަށް ދުންފަތުގެ ސަބަބުން ދަރިފުޅު ބައިގެންދިއުމާއި، ވިހެއުމުގެ ކުރިން ދަރިފުޅު މަރުވުމާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.އަދި މާލީ ގޮތުން ބަލާއިރު، ބުރަ މަސައްކަތުން ހޯދާ ފައިސާ ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމަކީ ބޮޑު އިސްރާފެއްކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

އެހެން މީހުންނަށް ލިބޭ ގެއްލުން އަދި ކުޑަކުދީންގެ ޙައްޤުޚުތުބާގައި އަންގަވާފައިވާ ގޮތުގައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުންލިބެނީ ހަމައެކަނި އެ ކަން ކުރާ ބަޔަކަށް ނޫނެވެ. މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ލިބިފައިވާނެއެވެ.

ޚުތުބާގައި ވަނީ ގޭތެރޭގައްޔާއި، މީހުން އެއްވެއުޅޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން، އެތަންތާނގައި ދިރިއުޅޭ ކުޑަކުދީން ދުޅަހެޔޮކަމާ އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭ ކަމުގެ މައްޗަށް ބާރު އަޅާފައެވެ. އަދި މި ޙައްޤު ހޯދައިދިނުމަކީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއްތޯ ސުވާލު އުފައްދާފައެވެ.އެތެރެހައްޓަށް ޖެހޭ ގިނަ ބަލިތަކުގެ އަޞްލަކީ، ދުންފަތުގެ އިސްތިޢުމާލުކުރުންކަމުގައިވީ ހިނދު، ދުންފަތުގެ އިސްތިޢުމާލުކުރުމަށް، ލަސްލަހުން އަމިއްލަނަފްސު މަރައިލުމޭ ވެސް ކިޔާ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

އަމިއްލައަށް މަރުވެގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަން ކަށަވަރެވެ. މީގެއިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ފުރަތަމަ ތިމާގެ އަމިއްލަ ނަފްސުން ފެށިގެން، ދެން ޢާއިލާ އަދި އެއަށްފަހު މުޅި މުޖުތަމަޢު އެކުގައި ވަރުގަދަ ޢަޒުމަކާއެކު މިކަމާ ކުރިމަތިލުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.