އަންނަ އަހަރު ރާއްޖޭގައި މުޅިން އަލަށް އިންޓަލެކްޓުއަލް ޕްރޮޕާޓީ(އައިޕީ) އޮފީހެއް ނުވަތަ ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް އުފައްދާއިރު އެ އޮފީހާއެކު އެދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓް އައިޝަތް ތަހުމީނާ ވިދާޅުވެއްޖެއެވެ.
ވީޓީވީ ގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ތަހުމީނާ ވިދާޅުވީ ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް ތަސްދީގުކުރުމާއެކު އެބިލު ގާނޫނަކަށްވެފައިވާއިރު އެގާނޫނުގެ ދަށުން 1 ޖަނަވަރީ 2026 ގައި އެ އޮފީސް ގާއިމުކުރަންޖެހޭކަމުގައެވެ.
ތަހުމީނާ ވިދާޅުވީ މިއޮފީހާއެކު ރާއްޖޭގެ އައިޕީ ދާއިރާގެ އެކި ހައްގުތައް އެއް އޮފީހެއްގެ ދަށުން އެޑްމިނިސްޓާ ކުރެވިގެން ދާނެކަމަށާއި މިއާއެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ހުރިހާ އައިޕީ ހައްގުތައް ރެޖިސްޓާ ކުރުމުގެ މަސައްކަތްތައް މި އޮފީހުގައި ކުރެވޭނެކަމަށް ތަހުމީނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކޮޕީ ރައިޓް، ޓްރޭޑް މާކް، ޕޭ ޓަންޓަލީ އަދި އެވެއާނެސް ޕްރޮގުރާމުތައް ހިންގުމުގެ އިތުރުން ބޭރުގެ ޖަމިއްޔާތަކާއި ގުޅިގެން ރާއްޖޭގެ އައިޕީ ދާއިރާ ފުޅާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ހިމެނޭކަން ތަހުމީނާ ފާހަގަ ކުރެއްވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އުސްތާޒް އަބްދުﷲ ޝިޔާޒް ވިދާޅުވީ މި އޮފީހާއެކު ކްރިއޭޓިވް އެކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި އެކަށީގެންވާ ރިސޯސް ހޯދުމަށް ފަސޭހަވެގެންދިއުމުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ރާއްޖޭގެ އައިޕީ ދާއިރާއަށް ލިބިގެންދާނެކަމަށެވެ.
މިކަމަށް އިތުރަށް ރައްޔިތުން ހޭލުންތެރިކުރުވަންޖެހޭކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ޝިޔާޒު ފާހަގަކުރެއްވިއެވެ.