ލ. ގަމުގައި ހުންނަ ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން މުޅި ރަށުން ކަރަންޓު ގޮސްފައިވީ ނަމަވެސް މިރޭގެ ވަގުތެއްގައި ކަރަންޓު ރަށުގެ ބޮޑު ބަޔަކަށް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ.
ފެނަކައިން އަލިފާނުގެ ހާދިސާ އާއި ގުޅިގެން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނީ މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމަށް ކަމަށެވެ.
މީގެ އިތުރުންމި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި އެނެކްސް ދެ އަކަށް އަލިފާނުގެ އަސަރު ކޮށްފައިނުވާކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓު ދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށް ކަމަށް މިހާތަނަށް ބެލިބެލިމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަގަކުރެވިފައިވަކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ. އަދި މިހާދިސާއާ ގުޅިގެން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން މައުލުމާތުދެއެވެ،
ފެނަކަ އިން ބުނީ މިހާއު އެރަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމް ތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި މައްސަލައެއް އުޅޭތޯ ބަލަމުންކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ.
މިއަދު މެންދުރު 14:50 ގައި އަލިފާން ރޯވެފައިވާއިރު އަލިފާން ނިއްވާލާފައިވަނީ ގާތްގަނޑަކަށް އެއް ގަޑިއިރު ތެރޭގައެވެ.