ސްޕެނިޝް ލަލީގާގައި ރޭ 3-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާއިން އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ބާސާއިން 37 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި ރޭ ބަލިވި އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 31 ޕޮއިންޓާއެކު އެވެ.
ބާސާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ އެތުލެޓިކޯއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އެލެކްސް ބައެނާ އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ބާސާއިން އެއްވަރުކުރީ އެތުލެޓިކޯގެ ގޯލުކީޕަރު ޔާން އޮބްލަކް ކައިރިން ނައްޓާލުމަށްފަހު ރަފީނިއާ ޖަހައިދިން ލަނޑުންނެވެ.
ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ބާސާގެ ޑެނީ އޮލްމޯއަށް ކުރި ފައުލަކަށް ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ލީޑު ނަގަން ލިބުނު މި ފުރުސަތުގައި ބާސާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ސްޕެއިންގެ މިޑްފީލްޑަރު އޮލްމޯ އެވެ. މި ލަނޑު ޖެހި ވަގުތު ވެއްޓި ކޮނޑުހުޅަށް އަނިޔާވުމާ ގުޅިގެން އޮލްމޯ ވަނީ ބަދަލުކޮށްފަ އެވެ.
ބާސާގެ ދެވަނަ ލަނޑަށް ފަހު އެތުލެޓިކޯއަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތަކުގައި މާ ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އޭގެފަހުން، މެޗުގެ އިތުރު ވަގުތުގައި އަލެހާންދްރޯ ބަލްޑޭ ދިން ބޯޅައަކުން ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފެރާން ޓޮރޭޒް އެވެ.
ލަލީގާގައި މިރޭ ރާއްޖެ ގަޑިން 23:00 ގައި ރެއާލް މެޑްރިޑުން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ނުކުންނާނެވެ.
