ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އެ މުވައްސަސާއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާ، އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 6 ތަނެއް ބަލައިފާސްކޮށްފައިވާކަމަށެވެ.

އަދި މި ތަންތަނުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރުތެރޭ، ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު އާއްމު އެކި ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.

މީގެ ކުރިން މިނިސްޓަރު ވަނީ ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއް ރޫހެއްގައި އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް އެދިފައެވެ.