ތިން ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މި ތިން ބޭފުޅުންނަކީ ޑރ. ހާލާ ހަމީދު، ޑރ. އިބްރާހިމް ޒުހުރީ އަދި އަހުމަދު މަހްލޫފެވެ.

ޑރ. ހާލާ ހަމީދުގެ ނަން ފާސްކުރެއްވީ ޖޯޑަންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރެއްވުމަށެވެ. އަދި ޑރ. އިބްރާހިމް ޒުހުރީގެ ނަން ފާސްކުރެއްވީ ފަލަސްތީނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށެވެ.

ހާލާގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި އިބްރާހިމް ޒުހުރީގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މަހްލޫފުގެ ނަން ފާސްކުރެއްވީ ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގަ އެވެ. މަހްލޫފުގެ ނަން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.