ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލޭގެ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުމެއް އޮންނާނެކަން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 20:30ގައި، ތާޖުއްދީން ސްކޫލްގައި ކަމަށެވެ. މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށްވަނީ ދަޢުވަތު އަރުއްވާފައެވެ.

މި ބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސްގެ އިސްނެންގެވުމާއެކު ބާއްވާ ބައްދަލުުވުންތަކެކެވެ.

މިބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުޞަތު ލިބެއެވެ.ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފަވާއިރު، މިހާތަނަށް ވަނީ ވިލިމާލެ އަދި މައްޗަންގޮޅިގެ ރައްޔިތުންނާއެކު ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ.

ރައީސްގެ ސިޔާސަތަކީ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންކަމަށް އެމަނިކުފާނު ވަނީ އެތައްފަހަރެއްގެ މަތިން ވިދާޅުވެފައެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރު މުއްދަތެއްގައި ޒިޔާރަތް ވެސް ކުރައްވާފައެވެ.