މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި އިއްޔެ ކުރިއަށްދިޔަ ފިރިހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އާއި ހަސަން ނާޒިމް ވާދަކުރި މެޗުން ބަލިވެއްޖެ އެވެ.

އެންމެ ފަހުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ޑަބަލްސް އިވެންޓުން ރިހި މެޑެލް ހާސިލްކުރި ރާއްޖޭގެ މި ޕެއާ، ކުއާޓާގައި މިއަދު އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތު ޓްރިޕަންކަރްގެ ޕެއާ އަތުން ބަލިވީ ސީދާ ދެ ސެޓުންނެވެ.
ބާސެލޯ ނަސަންދުރާގައި ކުޅުނު މި މެޗުން އިންޑިއާގެ ޕެއާ މޮޅުވީ 25-7، 25-1 އިންނެވެ.
މުބާރާތުގެ ޑަބަލްސް އިވެންޓުގައި ރާއްޖެއިން ދެން ވާދަކުރި އާދަމް އަދީލް އާއި އިބްރާހީމް ހުޖާން އަލީ އަށް ނާކާމިޔާބުވީ ފުރަތަމަ ބުރުގަ އެވެ.
މި ދެ ކުޅުންތެރިންގެ ޕެއާ އަތުން ސްރީލަންކާގެ ނިޝާންތަ ފެނާންޑޯ އާއި ނިމްނެއިތު ޕެއިރިސްގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާގެ ޕެއާ ގެންދިޔައީ 25-14، 14-17 އަދި 25-14 އިންނެވެ.
މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި 17 ގައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.
މިފަހަރުގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ބްރޯންޒް މެޑަލް ހާސިލްކޮށްފަ އެވެ.