ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން، ގައުމީ ވޮލީބޯޅަ ސްކޮޑުން ވަކިކުރަން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެެވެ.

ވީއޭއެމްއިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ، ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ރިލީޒްގައި ހުރެ، އަދި އެސޯސިއޭޝަންގެ އުސޫލުތަކާ ހިލާފުވެ، ލ. އަތޮޅުގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ މެޗުތައް ކުޅެފައިވާތީ، ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރެވިފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރަން ނިންމީ ވީއޭއެމްގެ ލީގަލް ކޮމިޝަނުން އޭނާގެ މައްސަލަ ބެލުމަށް ފަހު އެވެ. އެގޮތުން، ގައުމީ ޓީމުގެ ސްކޮޑުން ޝަމާއިލް ބާކީކޮށް، ވީއޭއެމްއިން ރާވާ ހިންގާ މުބާރާތްތަކާއި އެ އެސޯސިއޭޝަންގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިނުވެވޭ ގޮތަށް ހަމަޖެއްސުމަށް ވެސް ނިންމާފައިވާކަމަށް މައުލޫމާތުލިބެ އެވެ.

ލާމަސީލު ލާމު މުބާރާތުގައި ގައުމީ ވޮލީ ޓީމުގެ އެހެން ކުޅުންތެރިންވެސް އަންނަނީ ކުޅެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުޅުންތެރިންނާމެދު ވީއޭއެމްއިން ފިޔަވަޅު އަޅާފައިނުވަނީ އެ ކުޅުންތެރިން އެ މުބާރާތުގައި ކުޅެން ގޮސްފައިވަނީ އުސޫލުގެ ތެރެއިން ޗުއްޓީ ނަގައިގެން ކަމަށް ވާތީ އެވެ.

ޝަމާއިލް ގައުމީ ސްކޮޑުން ބާކީކުރަން ނިންމުމާއެކު ސޯޝަލް މިޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކޮށް ވީއޭއެމްއަށް ފާޑުކިޔަމުންނެވެ.